ދިވެހިބަހުން އާކިޓެކްޗަރގެ ވާހަކަ ދެއްކުން 1: ގެއެއް ވުޖޫދަށް އައިގޮތް
ދިވެހި ބަހުން އާކިޓެކްޗަރގެ ވާހަކަ ދައްކާއުޅޭ ގޮތް ދެނެގަތުމުގެ މަގްސަދުގައި ފައްޓާ މިސިލްސިލާ ލިޔުންތަކުގައި ބަލާލެވޭނީ މި މައުލޫގެދަށުން އަދި މައުލޫއާއި ގުޅުންހުރި ގޮތްގޮތުން ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި ޝާއިއުކުރެވިފައިވާ އެކިލިޔުންތަކާއި، ކުރެހުން، ފިލްމު ނުވަތަ އުފެއްދުންތަކުގެ މައްޗަށެވެ.
މި ސިލްސިލާގެ ފުރަތަމަ ލިޔުމަކީ 1914 ގައި ޗާޕުކޮށްފައިވާ ވިޓްރޫވިއަސްގެ “ދަ ޓެން ބުކްސް އޮން އާކިޓެކްޗަރ” ފޮތުގެ ބައެއްގެ ދިވެހި ތަރުޖަމާއެވެ. އެއީ މީގެ ދެވަނަ ފޮތުގެ 1 ވަނަ ޗެޕްޓަރގެ ފުރަތަމަ ނުކުތާއިން ތިންވަނަ ނުކުތާއަށެވެ.
ޗެޕްޓަރ 1: ގެއެއް ވުޖޫދަށް އައި ގޮތް
އިހުގެ އިންސާނާ ދުނިޔެއަށް އައީ ވަލު ޖަނަވާރެއް ފަދައިން، ވަލުތަކާއި، ހޮހޮޅަތަކާއި، ގަސްކަރަތަކުގެ ތެރެއަށެވެ. އަދި ދިރިއުޅުނީ ވަހުށީ ޒާތެއްގައެވެ. ޒަމާންތައް ދިޔަހެން، ވަކި ތަނެއްގައި ބޯކޮށްހެދިފައިވާ ގަސްތައް ތޫފާންތަކާއި ވަޔާއެކު ހޫރިހޫރި، ގަސްތަކުގެ ގޮފިތައް އެއްގަހާ އަނެއްގަސް ބީހި، އޭގައި އަލިފާން ރޯވުމުން، އެ ޒީލަގަދަ އަލިފާންގަނޑުދެކެ ބިރުން އެތަނުގައި ވަޒަންވެރިވެ ތިބި އިންސާނުން އެތަނުން ރައްކާވާން ޖެހުނެވެ. އަލިފާންގަނޑު މައިތިރިވުމުން އެމީހުން އެއާ ގާތަށް އައުމާއެކު، ހޫނުކަން ފޯރުވައިދޭ އަލިފާނުގެ ކައިރީގައި ހުރުމަކީ އަރާމުކަމެއްކަން ފާހަގަކުރެވި، އެއަލިފާނަށް ދަރުއަޅާ، ނިވިޔަނުދީ ހިފަހައްޓަމުން، އެހެން މީހުން ގެނެސް އެކަން ދައްކާ، މިއަލިފާނުން އެމީހުންނަށް ނުހަނު އަރާމު ލިބޭކަމުގެ ދަލީލުތައް ދައްކާހެދިއެވެ. އިންސާނާއަކީ އެކަހެރި މީހެއްގޮތުގައި އަޑުނެރެ އަޑުލައްވާ ހަދާ މިފަދަ ޒަމާނެއްގައި މިގޮތަށް މީހުން އެއްވެ ތިބެން ދިމާވުމުން، ދުވަހުން ދުވަހަށް ކުރަން އާދަވާ ކަންކަމަށް ނިސްބަތްވާ ބަސްތަކެއް އުފެދި، އެބަސްތައް އުފެދެމުންދާވަރަކަށް ބަޔާންކުރެވި، އާއްމުކޮށް ބޭނުންކުރާ ތަކެއްޗަށް ނަންދެވުނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިލްހާމަކުން ފަދައިން އަނގައިން ބުނެވެން ފަށާ، އެކަކު އަނެކަކުގެ ދެމެދުގައި ވާހަކަ ދެކެވެން ފެށިއެވެ.
އެހެންކަމުން، އަލިފާނާ ބެހޭގޮތުން މިހޯދުނު ހޯދުމަކީ އިންސާނުން އެކުވެއުޅުމާ، ގަސްތުކޮށްގެން މަޖްލިސް ކުރުމާއި، ޖަމާއަތްކުރުމަށް މެދުވެރިވި ސަބަބެވެ. އެއާއެކު، އެބައިމީހުން ގިނައަދަދުތަކަށް އެއްތަނަކަށް އެއްވެ އުޅެންފަށާ، އެމީހުންނަކީ އެހެން ޖަނަވާރުންހެން ބިމާ ދިމާލަށް ނަޒަރުލައިގެން ހިނގާއުޅެންޖެހޭ ވަރަށްވުރެ ގުދުރަތީގޮތުން ކުޅަދާނަކަން ލިބިފައިވާ ބައެއްކަން ހޯދި، އޭގެ ބަދަލުގައި ހަމައިސްކޮޅަށް ހުރެ ތަރިތަކުގެ އާސްމާނުގައިވާ ހިތްގައިމުކަން ބަލަމުން، އެމީހުން ހިޔާރުކުރިކަމެއް ފަސޭހަކަމާއެކު އަތުންނާއި އިނގިލިތަކުން ކުރުވޭނެކަން އެނގިހުރެ، އެތިބި މަޖްލިސްގައި ތިބުމުގެ ތެރޭގައި އެމީހުންގެ ފުރަތަމަހިޔާވަހި ބިނާކުރަން ފެއްޓެވެ. އޭގެ ތެރެއިން އެއްބަޔަކު އެކަންކުރީ ގަސްގަނޑުތަކުން، އެއްބަޔަކުފަރުބަދަތަކުގެ އަރިމަތީގައި ހޮހޮޅަ ކޮނެގެން، އަދި އަނެއްބަޔަކު ދޫނީގެ ހާލި ހަދާގޮތުން މިސާލު ނަގައިގެން ކިސަޑާއި ގޮފިކޮޅުކޮޅުން ހިޔާވަހި ހަދާއުޅެނެވެ. އެއަށްފަހު، އެހެންމީހުންގެ ހިޔާވަހިތައް ބަލާ، އަމިއްލައަށް ފެންނަ އުނިއިތުރުގެނެސް، ޒަމާންތައް ބަދަލުވަމުން ދިޔަހެން ކުރިން ހެދިގޮތަށްވުރެ ފަހަރަކުން ފަހަރަކު މޮޅަށް ބިނާކުރަމުން ދިޔައެވެ.
އެމީހުންނަކީ މިސާލުން ކަންކަން ދަސްކޮށް، އުނގަނައިދިނުމުގެ ތަބީއަތެއް އަށަގެންފައިވާ ބަޔަކުކަމުން، ކޮންމެ ދުވަހަކުމެ އެކަކު އަނެކަކުގެ އިމާރާތްތަކުގެ ނަތީޖާ ދައްކާހަދާ، އޭގައިވާ ޒަމާނީ ސިފަތަކާމެދު ފޮނިކަނޑާ ހެދުމާއެކު، އެމީހުންނަށް ގުދުރަތީގޮތުން ލިބިފައިވާ ވައްޓަފާޅިތައް ކަންކަން ދަސްކުރުމުގެ ތެރެއިން ތޫނުކުރެވުމާއެކު، އެމީހުންގެ ހާލަތު ދިޔައީ ދުވަހުން ދުވަހަށް ތަރައްގީވެގެންނެވެ. އެންމެ ފުރަތަމަ ކަފި މުޑި ބިމަށްޖަހާ ގޮފިކޮޅުކޮޅުން އެތަކެތި ގުޅުވާ، ކިސަޑު ބޭނުންކޮށްގެން ފާރުތައް ހެދިއެވެ. އެހެންބަޔަކު ކިސަޑު ގުޅަގުޅައިން ފާރުހަދާ، ވިއްސާރައިން ހޫނުން ސަލާމަތް ވުމަށްޓަކައި އޭގެ މަތީގައި ހުއިޖަހާހެދިއެވެ. މިހެން ހެދުމުން ފިނިމޫސުމުގެ ތޫފާނުގައި އަންނަ ވާރޭން ސަލާމަތްނުވާކަން އެނގުމުން ކިސަޑުލައިގެން ކުންނުހަދާ، ވާރޭވެހުނީމާ ފެންފަހިވާނެހެން ފުރާޅު ކަތިކޮށް ބޭރަށް ނެރިފައި އަޅަންފެށިއެވެ.
-
Note: This post is part 1 of a series of translations to be shared under the discussion topic “Exploring ‘Architecture’ in Dhivehi language“. If you are interested in contributing an article or opinion to this discussion please email us at fenda@m-s-p-a-c-e.com.